ގެވެށި އަނިޔާއިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް ރ. އަތޮޅުގެ 4 ރަށެއްގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އުނގޫފާރު، މީދޫ، މަޑުއްވަރި އަދި ފައިނު ގައެވެ.
ފުލުހުން މިއަދު ބުނީ އެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައި ވަނީ ރ. އަތޮޅު ޕޮލިހާއި ފެމެލީ ލީގަލް ކްލިނިކާއި އެ ރަށްތަކުގެ ރަށު ކައުންސިލުތައް ގުޅިގެން ކަަމަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ޖޫން މަހުގެ 19 އިން 24 އަށެވެ.
އަދި މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވީ ފެމެލީ ލީގަލް ކްލިނިކުގެ ބޭފުޅުންނެވެ.
މި ޕްރޮގްރާމްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި އާއިލާއާ ބެހޭ ގާނޫނާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ޕްރޮގްރާމުގައި، އާއިލީ މައްސަލަތަކާއި އެފަދަ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކާ ފެމެލީ ލީގަލް ކްލިނިކުގެ ބޭފުޅުން ވަކިން ބައްދަލުކޮށް ގާނޫނީ ލަފާދިނުން ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.



