އިއްޔެ (25 ޖޫން 2025ގައި) އެލްސީވީއެއް ބަންޑުން ޖަހާލައިގެން ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވިވޮރަންޓް އޮފިސަރ 2 އަލީ ހާމިދުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ.
އަލީ ހާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 10:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ.
މި ޖަނާޒާގައި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން، އަލީ ހާމިދުގެ އާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.
އަލީ ހާމިދުގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު، ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ. އަދި، މަސްޖިދުއް ޒައިދު ބިން ޘާބިތުގައި ކުރެވުނު ކަށުނަމާދަށް ފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައެވެ. ސަންދޯއް ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ވޮރަންޓް އޮފިސަރ 2 އާލީ ހާމިދުގެ އާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި، މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީސް އަރުވާފައެވެ.
ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި އަލީ ހާމިދު (ސނ: 3433)، މި ދުނިޔެއާ ވަކިވެދިއުމަކީ ދިވެހި ސިފައިންނަށް ލިބުނު ވަރަށް ފުން ހިތާމައެކެވެ. ޤައުމީ ޚިދުމަތުގައި، ސިފައިންގެ ޑިއުޓީއެއްގައި އުޅުއްވަނިކޮށް އޭނާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި އިރު، ސިފައިންގެ ޚިދުމަތުގައި ޝަރަފުވެރިކަމާ އެކު ޚިދުމަތް ކުރައްވާތާ 27 އަހަރު ވަނީ ވެފައެވެ.

ތ.ހިރިލަންދޫއަށް އުފަން އަލީ ހާމިދު ސިފައިންގެ ހިދުމަތާ ގުޅިލައްވާފައި ވަނީ 1998 އެޕްރީލު 21 ވަނަ ދުވަހުއެވެ. އަސްކަރީ ޚިދުމަތުގައި އޭނާއަށް ވަނީ، ފަސް މެޑެއްޔާއި، ހަތަރު ޝަރަފުގެ ކުލަ ލިބިލައްވާފައެވެ.
އެގޮތުން ލިބިލައްވާފައިވާ ކުލަޔާއި މެޑަލްތަކުގެ ތެރޭގައި، 17ވަނަ ސާކްސަމިޓް މެޑެލި، އިންސާނީ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، މިނިވަން ފަންސާހުގެ މެޑެލި، އަޚްލާގީ ކުލަ ތިންވަނަ ފަހަރަށް، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ އަދި ކާމިޔާބުގެ ކުލަ ހިމެނެއެވެ.
ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ފުރިހަމަ ކުރައްވާފައިވާ އަސްކަރީ ތަމްރީނުތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ފުރިހަމަކުރެއްވި އެންބީސީޑީ ކޯހާއި، އިންސްޓްރަކްޝަނަލް ޓެކްނީކްސް ކޯހާއި، 11ވަނަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގގެ އިތުރުން، ކޯސްޓްގާޑް ބޭސިކް ޓްރޭނިންގ އަދި ބޭސިކް ފަޔަރ ފައިޓިންގ ކޯސް ހިމެނެއެވެ.
އިއްޔެ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ނިޔާވުމުގެ ހިތާމައިގައި، ރޭ 00:00 އިން މިރޭ 00:00 އަށް ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމަވާފައެވެ.
ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ނިޔާވުމުގެ ފުން ހިތާމައިގައި، އެންމެހާ ސިފައިން ބައިވެރިވާ ހާލު، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް ތަޢުޒިޔާ ދަންނަވަމެވެ. މާތް ﷲ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދުގެ ފުރާނައަށް މަތިވެރިވެގެންވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށި!
آمیـــــــــــــن یارب العالمين.



