ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާ ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކާ މިއަދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މިއަހަރުގެ މުދަލު ޒަކާތް އިއްޔެ ބަހާފައިވާ ކަމަށެވެ.
އެގޮތުން
ޒަކާތު ޚަބަރު ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވަނީ 2852 ފަގީރުން ކަމަށާއި ކޮންމެ މީހަކަށް 5،000 ( ފަސްހާސް) ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް އިއްޔެގަ ބަހާފައިވާނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޮަލަކަށް ޖެހުނީ 4،000 (ހަތަރުހާސް) ރުފިޔާ ކަމަށް ވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަކާތު ފަންޑުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ބޭސްފަރުވާއަށް، މި ފެށުނު ހިޖުރީ އާ އަހަރާ އެކު އިންޝުރެންސް ތައާރަފުކުރަން ވެސް ވަނީ ނިންމާފައެވެ.
މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށާއި އެފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށް ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
”މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ. މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު“ އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ޚަރަދެއް ކުރާ ކަމަށާއި އޭގެ ތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށަ ކޮންމެ އަހަރަކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވާ ކަމަށެވެ.




