1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކުރިއަށް މިއޮތް އަހަރަކީ ސުލްހަވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެންފައިވެއެވެ.
އަދި މާތްﷲގެ ރަޙުމަތާއި ތެދުމަގު، އެންމެހައި މުސްލިމް ޤައުމުތަކަށް ދެއްކެވުން އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ.
ހަމައެހެންމެ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް ގޮވާލައްވައި، ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އޯގާތެރިކަމާއި، ޢަޒުމާއެކު މުސްލިމް ދުނިޔެ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސްގެ މެސެޖުގައި އެދިވަޑައިގެންނެވިއެވެ.
ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވާފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި މުސްލިމް މުޖުތަމަޢުތަކަށް ސުލްޙަމަސަލަސްކަމާއި އިންސާފާއި އެހީތެރިކަން ލިބުމަށް އެދިވަޑައިގެން، މި އަހަރަކީ އެއްބައިވަންތަކަމާއި ސާބިތުކަމުގައި ކުރިއަށް ދެވޭނެ އަހަރެއްގެ ގޮތުގައި ލެއްވުމަށް އެދިވަޑައިގެން ރައީސްގެ މެސެޖު ނިންމަވާލަައްވަމުން ދުޢާ ދަންނަވާފައިވެއެވެ.



