ހުރިހާ އަތޮޅެއްގައި މި އަހަރު ނިމުމުގެ ކުރިން ފެރީގެ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދު ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިއަދު ފެށުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ކުރެެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ވީ ވަޢުދާއި އެއްގޮތަށް މިއަދު ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.
އަދި އެ ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.
”ހަމަ އެއާ އެކު، ޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގަައި ފެރީގެ ޚިދުމަތް ފަށާނެ ކަމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެ، އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށް“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ދެން ހުރިހާ އަތޮޅެއްގައި މި އަހަރު ނިމުމުގެ ކުރިން ފެރީގެ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިޔަށްދާ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.



