ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ރައީސް ޖިން ލިކުން އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ކުރިއަށްދާ އޭއައިއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އޭއައިއައިބީ އާ ދެމެދު އޮތް ގުޅުން އަލުން އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް އެހީތެރިވުމަށް ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި، ދެފަރާތުންވެސް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ފާޅުކުރެއްވިއެވެ.
އޭއައިއައިބީގެ އެހީތެރިކަމާއެކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އިޤްތިޞާދީ އަސަރުތަކުން އަރައިގަތުމަށް ދެވުނު މުހިންމު އެހީތެރިކަމާއި، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އަމާޒުކޮށްގެން ހިންގާ ވޭސްޓް-ޓު-އެނަރޖީ ޕްރޮގްރާމަށް ދެވުނު ފައިނޭންސިންގ އަށް މިނިސްޓަރު ޒަމީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ދިވެހި ސަރުކާރުން ކުރިއަށްގެންދާ އިޤްތިޞާދީ އިޞްލާޙުތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރު ވަނީ އޭ.އައި.އައި.ބީގެ ރައީސް ޖިންއަށް ދެއްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ކުރިމަގުގެ ފައިނޭންސިންގ ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ޤައުމީ ތަރައްޤީއާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ތަފްޞީލުކޮށްދެއްވައި، މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އޭއައިއައިބީގެ އެހީތެރިކަން މުހިންމުވާނެ މައިގަނޑު ދާއިރާތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިގެ ފަރާތުން އޭއައިއައިބީގެ ގަވަރނަރުކަން ކުރައްވާ މިނިސްޓަރާއެކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޟީލް ނަޖީބު، ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ދެވަނަ ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު، ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ދެވަނަ ސެކްރެޓަރީ މިޒްނާ ވަޙީދު، އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމެވެ.
އޭއައިއައިބީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައީސް ޖިން ލިކުން ގެ އިތުރުން، އެކްޓިންގ ޗީފް އިންވެސްޓްމަންޓް އޮފިސަރ ރަޖަތް މިސްރާ އާއި މެނޭޖަރުންކަމުގައިވާ ހަރީ ބަސްކަރ އަދި ތޮޝިއަކީ ކެއިޗޯއެވެ.




