ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަންނަ ހަފްތާގައި ހުއްޓުމަކަށް ގެނެވިދާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް ބުނީ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އަންނަ ހަފްތާގައި އުފެދިދާނެ ކަމަށެވެ.
ބައެއް ނޫސްވެރިންނަަށް އިއްޔެ މައުލޫމާތު ދެމުން ޓްރަމްޕް ބުނީ، ޣައްޒާއާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކަމާބެހޭ ބައެއް ފަރާތްތަކާ މިހާރު ވާހަކަ ދައްކަން ފަށާފައިވާ ކަމަށާއި އެ ވާހަކަތަކަަށްފަހު، ހަނގުރާމަ ހުއްޓާލާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.
”އެކަންވުން ވަރަށް ގާތް ކަމަށް ބެލެވޭ. އެކަމާ ގުޅޭގޮތުން ކަމާބެހޭ ބައެއް މީހުންނާ ވާހަކަ ދައްކައިފިން“ ޓްރަމްޕް ބުނެފައިވެއެވެ.
ޣައްޒާއަށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ފެށިފައިމިވަނީ، އީރާނާއި އިޒްރޭލާ ދެމެދު 12 ދުވަސް ވަންދެން ކުރިއަށްދިޔަ ވަރުގަދަ ހަނގުރާމަ ހުއްޓާލުމާ ގުޅިގެންނެވެ. އެގޮތުން ޓްރަމްޕްގެ އިސްނެގުމާއެކު، އެ ހަނގުރާމަ ހުއްޓާލާފައިވާއިރު، ޣައްޒާއަަށް ޔަހޫދީން އަދިވެސް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޓްރަމްޕަށް ވެސް އަމާޒު ވެފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމާސްއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުމެއް ނުވެއެވެ. ނަމަވެސް އަރަބި ބައެއް ޤައުމުތަކާއެކު ޓްރަމްޕް ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން، ހަނގުރާމަ ހުއްޓާލަން ހަދާ އެއްބަސްވުމުގެ ބައެއް ޝަރުތުތަކާ ނަތަންޔާހޫއަށް އެއްބަސްވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.



