އީރާނުން ނިއުކްލިއަރ ހަރަކާތްތައް އަލުން ފަށައިފިނަމަ، ބޮން އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްރަންޕް މިހެން ބުނެފައިވަނީ، އިޒްރޭލާ އީރާނާ ދެމެދު 12 ދުވަސް ވަންދެން ކުރި ހަނގުރާމަ އީރާނުން ކާމިޔާބު ކުރިކަމަށް އެ ޤައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވުމާ ގުޅިގެންނެވެ.
ޚާމަނާއީއަށް ރައްދު ދެމުން ”ޓްރޫތު“ ގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވަނީ ވަރަށް ނުބައި މަރަކުން ޚާމަނާއީ ސަލާމަތް ކޮށްދީފައިވާ ކަމަށާއި ހަނގުރާމައިން އީރާން މޮޅުވީ ކަމަށް ބުނެ ދެކެވެމުންދާ ވަހަކައަކީ ދޮގެއް ކަމަށެވެ. އަދި އީރާނުން އަލުން ނިއުކްލިއަރ ހަރަކާތެއް ހިންގައިފިނަމަ ހަމަޔަގީނުންވެސް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދިނެވެ.
ހަނގުރާމައިގެ އީރާނަށް ކާމިޔާބު ލިބިފައިވާ ކަމަށް ޚާމަނާއީ އިއްޔެ ވިދާޅުވެފައިވާއިރު، އެއީ ހަނގުރާމަ ނިމުނުފަހުން، ޚާމަނާއީ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.



