ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި އަޅަމުންދާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާއިން 66 ކުޑަކުދިން ބަނޑުހައި ހޫނު ކަމުގައި މަރުވެއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލުން ވަނީ ކިރާއި އެނޫންވެސް ހަށިގަނޑަށް ފައިދާ ލިބޭނެ ކާބޯތަކެތި ޣައްޒާއަށް ވެއްދިޔަ ނުދީ ހުއްޓުވާފައެވެ.
ޣައްޒާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އިޒްރޭލުން ވަނީ، އިއްޔެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އިއްޔެގެ ހަަމަލާގައިވެސް ފަލަސްތީނުން 60 މީހުން ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރެއިން 20 މީހުން ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ އަވަށްޓެރި ސަހަރެއް ކަމަށްވާ ތޫފާއިންނެވެ.
އިޒްރޭލުން ދެމުންގެންދާ މިފަދަ ހަމަލާތަކާއި ކާބޯތަކެތި ލިބުން ހުއްޓުވުމަކީ ގަސްތުގައި ޣައްޒާގެ ރައްޔިތުން ބަނޑުހައި ހޫނު ކަމުގައި މަރާލައި ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރަމުންގެންދާ އަމަލުތަކެއް ކަމުގައި ވެސް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އިންސާނިއްޔަތާ ދެކޮޅަށް އިޒްރޭލުން ކުރަމުންގެންދާ މިފަދަ ހުރިހާ ކަމެއްގައި ޔަހޫދީންނާ ބައިވެރިވާ އެހެން ޤައުމުތައް (އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް އަދި ޖަރުމަނު) ވެސް ކުށްވެރިވާ ކަމަށާއި އެމީހުންނާމެދު ފިޔަވަޅު އެޅުމަށް އ.ދ އަށް ވަނީ ގޮވާލާފައެވެ.


