މި މަހުގެ 25 ވަނަ ދުވަހު ބަންޑުން ޖަހާލި ސިވެކްގެ ”އެލްސީ 308“ ލޭންޑިން ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ އޮތީ އެ އުޅަނދުގެ އިންޖީނު ރޫމްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައި މިވަނީ އެ ހާދިސާއާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
އެ ހާދިސާ ހިނގި ވަގުތު ދެ ބިދޭސީންނާއި ދެ ދިވެހިން ސަލާމަތްކޮށް އެމީހުންނަަށް ވަނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެވަގުތު އެ ހާދިސާގައި ގެއްލިފައިވަނީ ސިފައިންގެ ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު އާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.
އަލީ ހާމިދުގެ ހަށިގަނޑު ފަހުން ފެނިފައިވީނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައެވެ.
ލޭންޑިންގް ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބަންގްލަދޭޝް މީހާ އަދިވެސް ފެނިފައެއް ނުވެއެވެ.
އެ ކަމާއި ގުޅިގެން އެމްއެންޑީއެފުން މިއަދު ބުނީ ދެ ސިފައިންގެ މީހުނާއި އާންމު ފަރާތަކާއި ތިން ބިދޭސީ މީހުނާއެކު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ އުޅަނދު ބަންޑުންޖަހާލައި ފެތިފައި ވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާ އެއް މޭލު ދުރުން 550 މީޓަރު އަޑިއަށް ކަމަށެވެ.
އަދި އެ ހާދިސާ ތަހުގީގުކުރުމަށްޓަކައި ވަކި ބޯޑެއް އެމްއެންޑީއެފް އިން ކަނޑައަޅާފައިވާއިރު، މިކަން ހިނގައިދިޔަ ގޮތް އިތުރަށް ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
”ލޭންޑިން ކްރާފްޓަށް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން، އަދި އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތަށާއި މޫސުމަށް ބަލައިގެން އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށް ކަމުން، އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ“ އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ހަމައެހެންމެ ލޭންޑިން ކްރާފްޓަށް ދިޔަވެގެން އަރި އަޅާލައިގެންދިޔަ ވަގުތު ލޭންޑިން ކްރާފްޓުގެ ކެޕްޓަނާއި ވޮރަންޓް އޮފިސަރު އަލީ ހާމިދާ ދެމީހުން ތިބީ އުޅަނދުގެ ވީލްހައުސްގެ ތެރޭގައި ކަމަށާއި އެ ވަގުތު އިންޖީނު ރޫމްގެ ތެރޭގައި ހުރީ ގެއްލިގެން ހޯދާ ބިދޭސީ މީހާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މީގެ އިތުުރުން އަލީ ހާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލާފައިވާ ލޭންޑިން ކްރާފްޓުގެ ވީލްހައުސް ތެރެއިން ކަމަށާއި ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.



