ދިވެހިރާއްޖޭގައި ދަނޑުވެރިކަން ޒަމާނީ އަދި ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިއުމުގައި އައު އީޖާދުތަކާއި، ޓެކްނޮލޮޖީގެ އާލަތްތައް އަގުބޮޑުވުމަކީ ގޮންޖެހުމެއް ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނިޒޭޝަން (އެފްއޯއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 44 ވަނަ ސެޝަން އޮފް އެފްއޭއޯ ކޮންފަރެންސް ތެރެއިން ބޭއްވި ޕެނަލް ޑިސްކްޝަންގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއަށް އެތެރެކުރަނީ އަހަރެމެން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަކަން ފާހަގަކުރެއްވިއެވެ.
އެ ޑިސްކަޝަންގައި މިނިސްޓަރު ވަނީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާ ބަދަލުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ.
ސަރުކާރުން ދަނޑުވެރިކަމުގެ ދާއިރާ ހެޔޮ ބަދަލު ގެނައުމަށް، ދަނޑުވެރިކަން ޒަމާނީކުރުމަށް އިސްތިރާޖީ މަޝްރޫޢުތަކެއް ތަންފީޒުކުރަމުން ގެންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މި ބަދަލު ގެނައުމަށް އެހީތެރިވުމުގެ ގޮތުން، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރަނގަޅު ދަނޑުވެރިކަމުގެ އާދަތަކާ (އެމްޖީއޭޕީ) ބެހޭގޮތުން ދަނޑުވެރިންނަށް މަޢުލޫމާތު ދެމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ވާޓިކަލް ފާމިންގ އާއި ހައިޑްރޯޕޯނިކް ސިސްޓަމްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާ މެދުވެސް ވިސްނަމުން ގެންދަން. ނަމަވެސް މި ޓެކްނޮލޮޖީތަކުގެ އަގުބޮޑުކަމަކީ ގޮންޖެހުމެއް. ޚާއްޞަކޮށް ކުދި ދަނޑުވެރިންނަށާއި އަމިއްލަ ބޭނުމަށް ދަނޑުވެރިކަންކުރާ ފަރާތްތަކަށް މި ޓެކްނޮލޮޖީތައް ގަތުމަކީ އުނދަގޫ ކަމަކަށް ވެދާނެ. އެހެންކަމުން މިކަމާ ގުޅުވައިގެން ދަނޑުވެރިންނަށް ލުއި ލޯނު ދޫކުރުމާއި ހިލޭ އެހީގެ ޕްރޮގްރާމްތައް ފަށާފައިވާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފެން ބޭނުންކުރުން މަދުކުރުމަށާއި ބިމުގެ ފެނަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ޑްރިޕް އިރިގޭޝަން ސިސްޓަމްތަކާއި ވާރޭފެން ނަގާ ރައްކާކުރުމަށް ބާރުއަޅާ ކަމަށެވެ.
މީގެ އިތުރުން، ވަސީލަތްތައް އިސްރާފުވުން ކުޑަކުރުމަށާއި ކެމިކަލް ބޭނުންކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ޕްރެސިޝަން އެގްރިކަލްޗަރއާ ބެހޭގޮތުން ދަނޑުވެރިންނަށް މަޢުލޫމާތު ދެމުން ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




