ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
މެޑަމް ސާޖިދާ އެ މިއުޒިއަމަށް ޒިޔާރަތްކުރައްވާފައި ވަނީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ކަމަނާ ޕްރާނަކަން މިއުޒިއަމަށް ވަޑައިގަތުމާއެކު މަރުޙަބާ ދެންނެވީ އޭޝިއަން ސިވިލައިޒޭޝަންސް މިއުޒިއަމް އަދި ޕްރާނަކަން މިއުޒިއަމްގެ ޑިރެކްޓަރ މިސްޓަރ ކްލެމެންޓް އޯންއެވެ.
ޕްރާނަކަން މިއުޒިއަމުން ވަނީ އެ މިއުޒިއަމްގެ އާސާރުތައް މެޑަމް ސާޖިދާއަށް ދައްކަވައިލައްވައި، އެ މިއުޒިއަމްގެ އެކިއެކި ކަލެކްޝަންތަކާ ބެހޭ މަޢުލޫމާތު އެ ކަމަނާއާ ހިއްސާ ކުރައްވާފައެވެ.
މި މިއުޒިއަމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޕްރާނަކަން ތަރިކައިގެ މައްޗަށް އެކުލެވިފައިވާ އެކިއެކި އެގްޒިބިޓް ދައްކުވައިދޭ އަދި އެބައިމީހުންގެ ތާރީޚާއި އަމިއްލަވަންތަކަމާއި ސަގާފަތާ ބެހޭ މަޝްވަރާތަކަށް ހުޅުވާލެވިފައިވާ މަންސައެކެވެ.



