ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކަން ނަގަންޖެހޭ ހުއްދަ ނަގަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށްދީފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެެއްގައި ބުނީ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ އެކްސްޕޯޓް ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އަދި ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދު ބަޔާން ކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހޭ ކަމަށެވެ.
ހަމައެހެންމެ ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުގެ ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާ ތިން މަސް ދުވަހުގެ ތެރޭގައި ހުއްދަ ނެގުމަށް މީގެ ކުރިން އިއުލާނުކޮށްފައި ވާނެ ކަމަށް ވެސް އެޗްޕީއޭ އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
”މި މުއްދަތު ހަމަވާ ތާރީހަކީ ޖުލައި މަހުގެ 17 ވަނަ ދުވަހެވެ. އެ ތާރީހަށް ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ“ އެޗްޕީއޭ އިން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން އެޗްޕީއޭ އިން ވަނީ ގާނޫނު ލާޒިމުކުރާ ލައިސަންސް ނެގުމަށް ހަނދާންކޮށްދީފައެވެ.



