މަސްވެރިކަމުގެ ސިނާއަތަށް ރަނގަޅު ގޮތް ހޯދައިދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސައުދުﷲ މިހެން ވިދާޅުވެފައި ވަނީ ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ނުކިރޭތީ އާއި މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެއްވެސް ވިސްނުމެއްނެތި ކުރީ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގު ކިލޯއަކަށް 25 ރުފިޔާއަށް ބޮޑުކުރުމުން އޭގެ ނޭދޭވޭ އަސަރުތައް މަސްވެރި ސިނާއަތަށާއި ދައުލަތަށް ކޮށްފައިވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށްޓަކައި ދައުލަތަށް ނުކަތާވަރުގެ ބޮޑު އަގެއް ދޭކަށް ނުޖެހޭނެ ކަމަށާއި މިފަދަ އަމަލުތައް ހިންގުމުގެ ކުރިން ސިޔާސީ ބޭފުޅުންވެސް ގައުމާ ދޭތެރޭ ވިސްނަންޖެހޭ ކަމަށެވެ.
”މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް ވަރަށް މުހިންމު ސިނާއަތެއް ކަމަށާއި އެ ސިނާއަތަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް ޒިންމާއެއް“ ސައުދުﷲ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ސައުދުﷲ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައި އިރު ވަރަށް ބޮޑެތި ދަރަނިތައް އޮތް ކަމަށާއި އޭރު ޤައުމުގެ މާލީ ހާލަތު އޮތީ މަސްވެރިކަން ފަދަ މުހިންމު އިންޑަސްޓްރީތަކަށްވެސް އިންވެސްޓު ކުރެވޭނެ ކަހަލަ ހާލަތެއްގައި ނޫން ކަމަށެވެ.



