ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.
އެ މަނިކުފާނު ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ޒިޔާރަތް ކުރައްވާފައި ވަނީ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެެރެއިން މިއަދު މެންދުރު އެވެ.
ރައީސް ޓުއަސް ޕޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލްޕްމެންޓް، އޮންގ ސޯ ލިއޮން އަދި ޕީ.އެސް.އޭ އިންޓަރނޭސަނަލްގެ ނައިބު ރައީސް (ކޮންޓައިނާ ޑިވިޒަން) ވިލިއަމް ގޮހ އެވެ.
އެ ޕޯޓުން ރައީސްއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވަނީ އެތަނުގައި ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަމާއި، މަސައްކަތްތައް ކުރިށްދާ ގޮތް ޙިއްސާކުރައްވާފައެވެ.
އެއަށްފަހު ޕޯޓު ބައްލަވާލައްވައި، ޕޯޓު ކޮންޓުރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ރައީސް ވަނީ ބައްލަވާލައްވާފައެވެ.
2040 ގައި ސިންގަޕޫރުގެ ޓުއާސް ޕޯޓުގެ މަސައްކަތް ނިމުމާއެކު ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށް އެތަން ވެގެންދާނެއެވެ. މި ބަނދަރަކީ މުދާ އުފުލުމަށް ޑިޖިޓަލް ސޮލިއުޝަންތައް ބޭނުންކުރުމަށް މަސައްކަތްކުރާ ބަނދަރެކެވެ.




