އިޒްރޭލުން ދެމުންގެންދާ ހަމަލާތަކަށް ވަގުތީ ހުއްޓުމެއް ގެނައުމާމެދު ހަދާ އެއްބަސްވުމަށް ހުށަހެޅޭނެ ޝަރުތުތަކާމެދު ހަމާސް ޖަމާއަތުން މަޝްވަރާ ކުރަން ފަށައިފިއެވެ.
ހަމާސް އިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެއީ ވަގުތީ އެއްބަސްވުމެއް ނަމަވެސް، ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދާއިމީކޮށް ހުއްޓުމަކަށް ގެނައުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުން އެ ޖަމާއަތުން ވިސްނަމުންދާ ކަމަށެވެ.
އެ ބަޔާނުގައި ހަމާސްއިން ބުނީ، ހަނގުރާމަ ހުއްޓާލުމަށް އެކިއެކި މީޑިއޭޓަރުންގެ ފަރާތުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި އެހެންކަމުން އިޒްރޭލާއެކު މަޝްވަރާ ބައްދަލުވުމަށް ދިޔުމުގެ ކުރިން، އެކަމާ ގުޅޭގޮތުން އެ ޖަމާއަތުގެ އެތެރޭގެ ބައްދަލުވުންތައް މިހާރު ފަށާފައިވާ ކަމަށެވެ.
ހަމާސްއިން ބުނީ އެ ޖަމާއަތުން ބޮޑަށް އަމާޒު ކުރަނީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ޣައްޒާއަށް ވެރިވެގެންފައިވާ އިޒްރޭލު ސިފައިން އެ ޤައުމުން ބޭލޭނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ހަމާސްއިން މިފަދައިން އިއުލާނު ކޮށްފައިމިވަނީ، އިޒްރޭލުން 60 ދުވަހަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަންގާރަ ދުވަހު ބުނުމާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ ޝަރުތުތައް އިތުރަށް ހަރުކަށި ނުވަނީސް އަވަހަށް އެއްބަސްވާން ހަމާސްއަށް ގޮވާލާފައެވެ.
ފާއިތުވީ ދުވަސްތަކުގައި އެމެރިކާގެ ރައީސް ވަނީ ޣައްޒާއަަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި އިޒްރޭލަށް ވަރަށް ބޮޑަށް ޕްރެޝަރ ކޮށްފައެވެ. އަދި ހަމައެއާއެކު ހަމާސްގެ ހައްޔަރުގައި ތިބި އިޒްރޭލު ސިފައިން މިނިވަން ކުރުމަަށް އެ ޖަމާއަތަށް ވެސް ޓްރަމްޕް ގޮވާލާފައިވެއެވެ.




