ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހަ މަހަށް ޖަލަށްލާން އެ ޤައުމުގެ ބައިނަލްއަޤްވާމީ ޖަރީމާތަކާބެހޭ ޓްރައިބިއުނަލް، އައިސީޓީން ހުކުމް ކޮށްފިއެވެ.
ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިސްވެ ނިކުމެ، ހަސީނާގެ ވެރިކަން ވައްޓާލީ މިދިޔަ އަހަރު އޯގަސްޓް މަސް ތެރޭގައެވެ. އޭގެފަހުން އެ ޤައުމުގައި ވެރިކަން ކުރަނީ ވަގުތީ ސަރުކާރަކުންނެވެ. އަދި ހަސީނާ ވަނީ އިސްތިއުފާ ދިނުމަަށްފަހު، އޮގަސްޓް 5 ވަނަ ދުވަހު އަވަށްޓެރި އިންޑިއާއަަށް ސިއްރިއްޔާތުގައި ފިލާފައެވެ.
ހަސީނާ ފިލުމަށްފަހު އޭނާއާ ދެކޮޅަަށް ބަންގްލަދޭޝްގެ ކޯޓުތަކުގައި ވަނީ ގިނަ މައްސަލަތަކެއް ބަލަން ފަށާފައެވެ. އެ މައްސަލަތަކުގެ ތެރެއިން މިއީ އޭނާއާ ދެކޮޅަށް ހުކުމްކޮށްފައިވާ ފުރަތަމަ މައްސަލައެވެ.
ބަންގްލަދޭޝްގެ 227 މީހުން މަރާލުމުގެ ”ލައިސެންސް“ އޭނާގެ އަތުގައި މިހާރު އޮތް ކަމަށް ހަސީނާ ބުނެފައިވާ ފޯނުު ރެކޯޑިންގެއް ވަނީ ލީކުވެފައެވެ. ބަންގްލަދޭޝް ސަރުކާރުގެ ތަހުގީގީ އިދާރާތަކުން ވަނީ އެ ރެކޯޑިންގަކީ އަސްލު ރެކޯޑިންގެއްކަން ކަށަވަރުކޮށްދީފައެެވެ.
އައިސީޓީއަކީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލަވާލާފައިވާ ޓްރައިބިއުނަލެކެވެ. އެ ޓްރައިބިއުނަލުން ހަސީނާ ޖަލަށް ލުމަށް ޙުކުމްކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. އައިސީޓީން ބުނީ ހަސީނާއާ ދެކޮޅަށް އިއްވާފައިވާ ޙުކުމް ހިނގަން ފަށާނީ އޭނާ ހައްޔަރުކުރުމުން ނުވަތަ ކަމާބެހޭ އިދާރާތަކާ އަމިއްލައަށް ޙަވާލުވުމުން ކަމަށެވެ.
ހަސީނާ ހައްޔަރުކުރަން ބަންގްލަދޭޝް ސަރުކާރުން ވަނީ ރެޑް ނޯޓިސް ވެސް ނެރެފައެވެ.




