ހުޅުމާލެ ރަށު މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީން އިއްޔެ ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ ”ރަށު މާރުކޭޓު“ ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
”އެގޮތުން، މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އަތުލައިގަތް 15 ބިދޭސީންގެ ތެރޭގައި ހިމެނެނީ 10 ފިރިހެނުންނާއި 5 އަންހެނުން ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ހާއްސަ އޮޕަރޭޝަނެއް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތް ގުޅިގެންދަނީ ހިންގަމުންނެވެ.
މީގެއިތުރުން ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.




