ރަސްފަރި ފަރަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އާއި އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ އޮބްލޫ-ސެލެކްޓް ސަންގަލީ (އޯ.އެސް.އެސް) އާ ދެމެދު، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އީޕީއޭ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ރަސްފަރި ފަރަށް ދިރުން ދިނުމުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.
”މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި، އެފަރުތައް ހިމާޔަތްކުރުމަށް ކުރިއަށް އޮތްތަނުގައިވެސް އިތުރު މަސައްކަތްތައް ކުރެވިގެންދާނެ“ އީ.ޕީ.އޭ އިން ބުނެފައި ވެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގެ ކަނޑުތަކުގައިވާ މުހިއްމު ފަރެއް ކަމަށްވާ ރަސްފަރި ފަރަށް ދިރުން ދީ، އެ ފަރަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އޮބްލޫ-ސެލެކްޓް ސަންގަލީގެ ފަރާތުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
”ތިމާވެށީގެ ދިރުން ދަމަހައްޓައި، ދިގު މުއްދަތަށް ރައްކާތެރިކުރުމަށްޓަކައި ރިސޯޓުތަކާއި ސަރުކާރުގެ އިދާރާތައް ގުޅިގެން މިފަދަ މަސައްކަތްތައް ކުރުމަކީ ވަރަށް މުހިއްމު ކަމެއް“ އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި ރާއްޖޭގެ އިގްތިސާދުގެ ބިންގަލަކީ ތިމާވެއްޓާއި ކަނޑުފަޅުތައް ކަމުން، މިފަދަ މަސައްކަތްތައް ކުރުމަކީ ދިވެހި ރާއްޖޭގެ ތިމާވެށި ދިރުވައި، އިގްތިސާދީ ގޮތުން ކުރިއަރައިގެން ދިއުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.




