ސަލްމާން މިސްކިތުގައި ޤާއިމުކުރާ އިސްލާމިކް ލައިބްރަރީ މި މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
އިސްލާމީ ކުތުބުޚާނާ މި މަހު 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވާންޖެހޭ ތައްޔާތީތަކާއި ގުޅޭ ގޮތުން އެ މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ މަޝްވަރާކުރައްވާފައެވެ.
އިސްލާމީ ކުތުބުޚާނާ ހުޅުވަނީ 15 ހާސް ފޮތާއެކު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.
މިކަމާއި ގުޅޭ ގޮތުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައި ކަމަށެވެ.
މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.



