އުފަންވާ ކުދިންގެ އާބާދީ އިތުރު ކުރަން ދަރިމައިވުމުގެ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޘިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓް ނެރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
”މި މައްސަލަ ހައްލުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރަންޖެހޭ، މި މައްސަލަގައި ދިމާވާ ގޮންޖެހުންތަކަށް ރިޢާއަތްކޮށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ކަށަވަރުވެގެންދާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓަކީ ޔުނައިޓެޑް ނޭޝަން ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ދުނިޔޭގެ އާބާދިއަށް އަންނަ ބަދަލުތަކާއި މިކަމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައިގެން ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓެކެވެ.
މިގޮތުން މި ރިޕޯޓްގައި ދެމެހެއްޓެނިވި ތަރައްޤީއާއި، ދަރިމައިވުމުގެ ސިއްޙަތާއި، އިންސާނީ ޙައްޤުތަކާއި، މީންތީގެ ހަމަހަމަކަން އަލިއަލުވާލާފައި ވެއެވެ.



