ކަރަންޓުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާއި، ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ މަޝްވަރާ ކުރުމަށް ޚާއްސަ އެއްދުވަހުގެ ވޯކްޝޮޕެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަަރަންމަންޓް އިން ބުނީ މި ވޯކްޝޮޕްގައި ކަމާބެހޭ ޔުޓިލިޓީ ކުންފުނިތަކާއި، ޔުޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (އެމް.އޯ.ޓީ.އެމް.ވީ) ގެ އިސް އޮފިޝަލުން ބައިވެރިވެފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ، ގައުމީ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލުތަކެއް ހޯދުމަށް ހިޔާލު ބަދަލުކޮށް މަޝްވަރާކުރުން ކަމަށެވެ.
”މި ވޯކްޝޮޕަކީ، ދިވެހިރާއްޖޭގެ ކަރަންޓުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އާބާދީގެ އިތުރުވުމާ އެކު ކުރިމަތިވާ ކަރަންޓުގެ ބޭނުން އިތުރުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއް“ ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މި ވޯކްޝޮޕްގެ ނަތީޖާއެއްގެ ގޮތުން ކަރަންޓުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ފެނިގެންދާނެ ކަމަށް އެ މިނިސްޓްރީން އުންމީދު ކުރެއެވެ.


