ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފިއެވެ.
އެ މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައި ވަނީ އެ ކޯޕަރޭޝަނަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި މުވަޒައްފުންނަށް ހަނދާނީ ލިޔުން އެރުވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙު އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޖާހް ވިދާޅުވީ ފެނަކައިގެ އުމުރުން ހޭދަވި 13 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ގޮތްގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ.
“ އިއާދަކުރަނިވި ހަކަތަ ރަށްތަކަށް ތައާރަފުކުރުމާއި، ފެނުގެ ނިޒާމު ހަރުދަނާކޮށް، ރަށްތަކަށް ކޮލިޓީ ފެން ފޯރުކޮށްދިނުމާއި، ނަރުދަމާ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުންފަދަ ކަންކަން“ ވަނީ ކުރެވިފައި ނަޖާހު ވިދާޅުވިއެވެ.
ހަމައެހެންމެ ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ހިދުމަތްތައް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށްވެސް ނަޖާހު ވިދާޅުވިއެވެ.
”ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ކުންފުނި ރީފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން އައިޓީ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ކުންފުނީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮޖެކްޓް މި އަހަރުގެ ތެރޭގައި ލޯންޗްކުރެވި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކުންފުނީގެ ގިނަ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ނިންމާލެވޭނެ“ ނަޖާހް ވިދާޅުވިއެެވެ.
ނަޖާހު ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި ކުންފުނީގައި ކުރެވުނު އޮޕަރޭޝަންސް މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ އެކިއެކި ބްރާންޗްތަކަށް ޖުމްލަ 29 އައު ޖެނެރޭޓަރު ފޮނުވާފައިވާ ކަމަށެވެ. އަދި 22 ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްގެންދެވުނުއިރު، 7 ޖެނެރޭޓަރު މިހާރުދަނީ އިންސްޓޯލްކުރެވެމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”23 ޖެނެރޭޓަރުގެ އޯވަހޯލް މަސައްކަތް ކުރެވިފައިވާއިރު، 86 ޖެނެރޭޓަރުގެ މެއިންޓެނަންސް މަސައްކަތް ވަނީ ކުރެވިފައި. އަދި އިތުރު 12 ޖެނެރޭޓަރުގެމެއިންޓެނަންސް މަސައްކަތް މިހާރުދަނީ ކުރިއަށް،“ ނަޖާހް ވިދާޅުވިއެވެ.
މީގެ އިތުރުން ކުންފުނީގެ މާލީ ކަންކަން ތަރުތީބުކޮށް، ކުންފުނީގެ ހަރަދު ކުޑަކުރުމަކީ ކުންފުނި ސަސްޓެއިންކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅު ގޮތުގައި ކަނޑައަޅައި، އެކަން ތަންފީޒުކުރުމުގެ ނަތިޖާއެއްގެ ގޮތުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޚަރަދުތައް ކުޑަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ކުންފުނީގެ ޕީއެސްއައިޕީގެ ދަށުން ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ 178 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރަށްރަށަށް މުދާ ފޮނުވަން ފަށާފައިވާ ކަމަށްވެސް ނަޖާހް ވިދާޅުވިިއެވެ.



