އިލެކްޝަންސް ކޮމިޝަން(އީސީ) އިން އިންތިޚާބާ ބެހޭ އެކި ކަންކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް އަތޮޅުތެރޭގައި ކުރިއަށްގެންދާ ހޭލުންތެރި ކުރުމުގެ ދެވަނަ ތަމްރީނު ޕްރޮގުރާމް ހދ. ހަނިމާދޫގައި ފަށައިފިއެވެ.
އީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހދ. ހަނިމާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ފެށިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމްގައި ޑިމޮކްރަސީގެ ތަޢާރަފާއި އަސާސްތަކާއި ދައުލަތުގެ 3 ބާރާއި ޙައްޤުތަކާއި ބައިވެރިވުމާއި ޤައުމިއްޔަތާ ގުޅުންހުރި މަޢުޟޫތަކަށް މަޢުލޫމާތު ދެވޭނެ ކަމަށް އީސީން ބުނެފައި ވެއެވެ.
އީސީން ބުނީ މިއަދު ފެށި އެ ޕްރޮގްރާމްގެ ފުރަތަމަ ސެޝަންގައި ކުރިއަށް ގެންގޮސްފައި ވަނީ ޑިމޮކްރަސީ،ސިޓިޒެންޝިޕް އަދި ބައިވެރިވުން ކަމަށެވެ.
އަދި އެ ޕްރޮގްރާމްގެ ދެވަނަ ސެޝަންގައި ކުރިއަށް ގެންގޮސްފައި ވަނީ ޒިންމާ ނެގުމާއި ޖަވާބުދާރީވުމާއި، އެކައުންޓަބިލިޓީ ކަމަށް އީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްގެ ތިންވަނަ ސެޝަންގައި ކުރިއަށްގެންގޮސްފައި ވަނީ އިންތިޚާބުތަކާއި އިންތިޚާބުތައް ކުރިޔަށްދާގޮތާއި ބެހޭ ގޮތުން ކަމަށް އީސީން ހާމަކުރެއެވެ.



