ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ފޮރިން މިނިސްޓަރު އިވާން ގިލް ޕިންޓޯ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު، ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ އަރިސްކުރައްވާފައެވެ.
”ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، މަނިކުފާނާއި ވެނެޒުއޭލާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް“ މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
އަދި ރާއްޖެއާއި ވެނެޒުއޭލާ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރުގެ މެސެޖުގައި ވަނީ ދެއްވާފައެވެ.
މީގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރަށް ދުޅަހެޔޮ ސިއްޙަތާއި ވެނެޒުއޭލާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް މިނިސްޓަރުގެ މެސެޖުގައި ވަނީ އެދިވަޑައިގެންފައެވެ.



