ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ރަސްމިއްޔާތުގައި ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެ މަނިކުފާނަށް ވަނީ އަރުވާފައެވެ.
އަދި މުޅި މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޖަމުޢިއްޔަތުލް ފަލާޙަކީ ފަލާޙް ޕްރީސްކޫލާއި ފަލާޙް ޤުރުއާން ކުލާސްވެސް ހިންގަމުން އަންނަ ޖަމުޢިއްޔާއެވެ.
ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. މި ހިނގާ ޖުލައި މަހުން ފެށިގެން، ރާއްޖޭގައި ޙާފިޒުންނަށް ދޭ އެލަވަންސްވެސް ވަނީ ދެ ގުނައަށް އިތުރުކުރައްވާފައެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނާއި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މާލީ ތަނަވަސްކަން ދެމެހެއްޓެނި ގޮތެއްގައި ލިބެމުންދާނޭ މަގު ފަހިކުރުމުގެ ގޮތުން، ވަޤުފް ޢިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.




