ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރުމަށް ޔަހޫދީ އިޒްރޭލުގެ ވަފުދެެއް މިއަދު ޤަތަރަށް ފުރާނެކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފިއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދަން ތައްޔާރުވަމުންދާއިރު، ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ވަނީ ޣައްޒާގެ 78 މީހަކު ޝަހީދު ކޮށްލާފައެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ، އެ މަޝްވަރާ ބައްދަލުވުމަށް އިޒްރޭލުގެ ޓީމެއް މިއަދު ޤަތަރުގެ ވެރިރަށް ދޯހާއަށް ދަތުރުކުރާނެ ކަމަށާއި އެ ބައްދަލުވުމުގައި ޣައްޒާގެ ފަރާތުން ހަމާސްގެ ޓީމެއް ވެސް ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ.
ހަމާސް އިންވެސް އިއްޔެ ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާމެދު މަޝްވަރާ ކުރަން ތައްޔާރަށް ތިބިކަން އިއްޔެ އިއުލާނު ކޮށްފައެވެ. އަދި އެ ޖަމާއަތުން ބޭނުންވަނީ، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލާނެކަމުގެ ޔަގީންކަން ކަމުގައި ވެސް ބުނެފައިވެއެވެ.
ހަމާސްގެ އެ ހުށަހެޅުމާ ގުޅޭގޮތުން އިޒްރޭލުން ބުނީ، ޤަތަރު މެދުވެރިކޮށް ހުށަހެޅި އެ ހުށަހެޅުން ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށާއި، ނަމަވެސް އެކަން ޤަބޫލުކޮށް އެއްބަސްވެވެން ނެތް ކަމަށެވެ.
އެހެންކަމުން މި އެއްބަސްވުމުގެ ބައްދަލުމުގައި އިޒްރޭލުގެ ފަރާތުން މަޝްވަރާކޮށް އެއްބަސްވާނީ ކޮންކަންތައްތަކާ ގުޅޭގޮތުން ކަމެއް އަދި ސީދާ އެނގިފައެއް ނުވެއެވެ.



