ސްޕޯޓްސް ފިޝިން އަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 ހަވީރު 5:00އަށް މީރުމާގައި ކަމަށެވެ.
މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުން ކަމަށެވެ.
މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ދެ ސެޝަންއަކަށް ބަހަލައިގެންނެވެ.
“ ފުރަތަމަ ސެޝަންގައި ކުރިއަށްދާނީ ވޯކްޝޮޕްގެ މަޤްޞަދާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ބެހޭގޮތުން މިހާރު ގެންގުޅޭ ވިސްނުމާއި، ޑޭޓާ ޑްރައިވަން މެނޭޖްމަންޓްގެ ބޭނުންތެރިކަމުގެ އޯވަރވިއުއެއް ފޯރުކޮށްދިނުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ދެވަނަ ސެޝަންގައި ކުރިއަށްދާނީ ސްޓޭކްހޯލްޑަރުންގެ ކަންބޮޑުވުންތަކާއި މުނިފޫހިފިލުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.



