ލިމާލޭގެ، ވިލި ދޫނި ބަގީޗާ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް އެ ތަން ބަންދުކޮށްފިއެވެ.
އެ ޕާކު ބަންދުކޮށްފައި ވަނީ މި އަދުގެ ވަގުތެއްގައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ޕާކު ހަދާފައިވަނީ އަމިއްލަ ފަރާތެއް ކަމަށްވާ، ފިޔަ ފައުންޑޭޝަނުން ކަމަށެވެ.
އެގޮތުން ފިޔަ ފައުންޑޭޝަނުން، ޕާކު ހެދުމަށް ފަހު މާލެ ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވަނީ، 10 މެއި 2021 ކުޑަކުދިންގެ ދުވަހުއެވެ.
”މިހާރު މި ޕާކުގައި ކުޑަ ކުދިން ކުޅެން ބޭނުންކުރާ ޓްރެމްޕޮލިން، ސްލައިޑް އަދި އުނދޯލި ފަދަ ތަކެތި، ގިނަ ދުވަސްވެ ހަލާކުވުމުގެ އިތުރުން، ޕާކުގެ ވަށައިގެންވާ ފެންސް ވެސް ހުރީ ނެއްޓިފައި، މި ކަންކަން ރަނގަޅު ކުރުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހިފައިވާތީ ޕާކު ވަނީ، ވަގުތީގޮތުން ބަންދުކޮށްފައި“ އެ ކައުންސިލުން ބުނެފައި ވެއެވެ.
ސިޓީ ކައުންސިލުން ބުނީ އެ ތަން މަރާމާތު ކުރުމަށް ޕާކު ވަށައިގެން އައު ފެންސު ޖެހުމާއި، އައު ޓްރެމްޕޮލިން، ސްލައިޑް، ޕަޒްލް އަދި މެއިޒް ފަދަ، ކުދިން އުފާވާނޭ ކުޅޭސާމާނު ބެހެއްޓުމުގެ އިތުރުން، ޕާކުގައި ޗައިލްޑް ސޭފް މެޓް އެޅުމާއި، އެކި ކުލަކުލައިގެ ބަގީޗާ ގަސް ހައްދައި ޒީނަތްތެރި ކުރުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މި ހިނގާ ޖުލައި މަހުގެ ނިޔަލަށް، ހުރިހާ މަރާމާތެއް ނިންމައި އަލުން ޕާކު ހުޅުވުމަށް ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެެވއެވެ.



