ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެ އެތެރެކުރަން ބޭނުންވާ ފަރާތްތަކުން ހުއްދަ ނެގުމުގެ ފުރުސަތު މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އިން ހުޅުވާލައިފިއެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު، މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ވަނީ އިސްލާހުކޮށް ގެޒެޓުގައި ޝާއިއު ކޮށްފައެވެ.
މި ގަވާއިދުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތައް އެތެރެކުރާނަމަ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ހުއްދަ ނަގަންޖެހޭ ބަޔަށް ޢަމަލުކުރުން ފަށާގޮތަށް ކަނޑައަޅަފައި އޮތީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މިމަހުގެ 13އިން ފެށިގެން ރާއްޖެ އެތެރެކުރެވޭނީ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށްފަހު ކަމަށެވެ.
އެހެންކަމުން މިފަދަ އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި، ޓްރާންސްޕޯޓު މިނިސްޓްރީގެ ޕޯޓަލް http://eportal.mta.gov.mv މެދުވެރިކޮށް މިހާރު ހުށައެޅޭނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.




