ނޮބެލް ޕީސް ޕްރައިޒް (ސުލްހައިގެ އިނާމަށް) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން، އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅައިފިއެވެ.
ނަތަންޔާހޫގެ ފަރާތުން ޓްރަމްޕްގެ ނަން ހުށަހަޅާފައިވާކަން އޭނާ އިއުލާނު ކޮށްފައިވަނީ، ޓްރަމްޕްގެ ދައުވަތަކަށް އިއްޔެ ވޮޝިންގްޓަންއަށް ކުރި ޒިޔާޔަރުގައެވެ.
އެ ޒިޔާރަތުގައި ނަތަންޔާހޫ ވަނީ ނޮބެލް ޕްރައިޒް ކޮމިޓީއަށް އޭނާ ފޮނުވި ސިޓީ ޓްރަމްޕަށް ހަދިޔާ ކޮށްފައެވެ.
ވައިޓްހައުސްގައި އޮތް ރޭގަނޑުގެ ކެއުމެއްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، ޓްރަމްޕް އަބަދުވެސް ގެންދަނީ ފަހަރަކު ސަރަހައްދަކަށް ސުލްހަ ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ނޯބެލްގެ ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޓްރަމްޕުގެ ނަން އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ފިކުރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެތައް ފަހަރަކު ނޮމިނޭޓްކޮށްފައިވެއެވެ. ނަމަވެސް އެ ޝަރަފްވެރި އިނާމު ލިބިފައި ނުވާތީ ޓްރަމްޕް ވަނީ ފާޅުގައި އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ސާބިއާ އާއި ކޮސޯވޯއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ޓްރަމްޕު ކުރި މަސައްކަތް، ނޯވޭގެ ނޯބެލް ކޮމިޓީން ބަލައިނުގަތް ކަމަށް ބުނެ ވެސް ފާޑު ކިޔައިފައެވެ.
ޓްރަމްޕުގެ ރިޔާސީ ކެމްޕެއިނުގައި އޭނާ އަކީ ސުލްހަ ގާއިމުކުރާ މީހެއް ކަމަށާއި ޔުކްރެއިން އާއި ޣައްޒާގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރާނެ ކަމަށް ބުންޏެވެ. ޓްރަމްޕް ބުނި ގޮތުގައި އޭނާ އަކީ މަޝްވަރާކުރުމުގެ ހުނަރު ހުރި ރައީސެކެވެ.



