ލ. ފޮނަދޫގައި ބަނދަރަކާއި ބަންކަރިންގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިކަމާ ގުޅޭގޮތުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ގާބިލުކަން ހުރި އަދި ޝައުގުވެރިވާ ކުންފުނިތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އިންޑިއާ ކަނޑުގެ މުހިއްމު ސަރަހައްދެއްގައި އޮންނަ ”ވަން އެންޑް އަ ހާފް ޑިގްރީ ޗެނަލް“ ކައިރިން ފޮނަދޫގައި ބަންކަރިންގެ ހިދުމަތާ އެކު ބަނދަރުގެ ހިދުމަތް ލިބޭ ގޮތަށް ތަރައްގީ ކުރަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ބޭނުން ހިފުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ގޮތަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢުއަށް ފުރުސަތު ހުޅުވައިލީ، އެފަދަ މަޝްރޫޢުއަކަށް އަމިއްލަ އިންވެސްޓަރުންގެ ޝައުގުވެރިކަން ހުންނަ މިންވަރު ބެލުމަށެވެ.
މީގެއިތުރުން މި ފުރުސަތު ހުޅުވައިލީ، ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭ މިންވަރާއި އެ ތަނުން މާލީ ފައިދާ ލިބޭނެ ގޮތްތައް ދެނެގަތުމަށާއި އެތަން ހިންގާނެ ވިޔަފާރި މޮޑެލްތަކަށް ހިޔާލު ހޯދުމަށް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ކާގޯ، ޓޭންކަރު އަދި ސާވިސް އުޅަނދުފަހަރަށް ހިދުމަތް ދޭނެ ”ޑީޕް ވޯޓާ ޕޯޓެއް“ ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން ޓްރާންސިޓް އުޅަނދުތަކަށް ބަންކަރިން އަދި ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތާއި، ތެޔޮ ރައްކާކުރެވޭނެ ގޮތްތައް ތަރައްގީކުރުމެވެ.
މީގެއިތުރުން މެރިން ސަޕޯޓް އިންފްރާސްޓްރަކްޗަރާއި ހުރިހާ މޫސުމެއްގައި ވެސް ބަނދަރުން ފަސޭހަކަމާ އެކު ހިދުމަތް ދެވޭނެހެން ސާވިސް ކުއޭ އަދި ބްރޭކް ވޯޓާ ވެސް ހިމެނެއެވެ.



