މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން މިހާތަނަށް 36 މަސްވެރިއަކަށް ލޯނުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ.
އެކަމަށް އިޝާރަތްކުރައްވާ މިނިސްޓަރު ވިދާޅުވީ 62 މަސްވެރިއެއްގެ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާ ކަމަށެވެ.
އަދި އޭގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މަސްވެރިން ލޯނު ނަގަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރަން އަދި މަސްވެރިކަމުގައި ބޭނުން ކުރާ ސަމާނު ގަނެ މަސްވެރިކަމާއި ގުޅުން ހުރި މަސައްކަތްތަކަށް“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެ މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު މަސްވެރިކަމަށް ނިކުންނަ މީހުން ކުރިއަށްވުުރެ ގިނަވަމުން އަންނަ ކަމަށެވެ.
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ލޯނު ދޫކުރަން ފަށާފައި ވަނީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.


