ފަަލަސްތީނުގެ ޣައްޒާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކޮށް، އެހެން ޤައުމުތަކަށް ދާއިމީކޮށް ފޮނުވާލުމުގެ ހުވަފެނުގައި ކުލަޖެހެން ފަށައިފި ކަމުގައި ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިފަދައިން ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރުމަށް ވޮޝިންގްޓަންއަަށް މިހާރު ކޮށްފައިވާ ދަތުރުގެ ތެރެއިން، ރޭގެ ކެއުމަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުންނެވެ.
އެގޮތުން ނަތަންޔާހޫ ބުނީ، ޣައްޒާ ދޫކޮށް އެހެން ޤައުމުތަކުގައި ފަލަސްތީނު ރައްޔިތުން ވަޒަންވެރިވުމާ ބެހޭގޮތުން ޓްރަމްޕް އާއެކު އިތުރަށް މަޝްވަރާ ކޮށްފައިވާ ކަމަށާއި އެކަމަށް އެހެން ބައެއް ޤައުމުތަކުން ވެސް އެއްބަސްވާނެ ކަމުގެ އިޝާރާތްތައް ފެންނަން ފަށާފައިވާ ކަމަށެވެ.
ނަތަންޔާހޫ ބުނީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތް ކަމަށާއި ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުގެ މަޝްވަރާ ބައްދަލުވުމުގައި ވެސް އެވާހަކަތައް ހިއްސާ ކުރާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކޮށް މެދުއިރުމަތީގެ ރިވޭރިއާއަކަށް ޣައްޒާ ހެދުމަށް ޝައުގުވެރިވާކަމަށް ކުރިން ބުނެފައެވެ. ނަމަވެސް އެކަމާ ހަމާސް އިންވެސް، އަދި ގިނަ ޤައުމުތަކުން ވެސް ވަނީ ދެކޮޅު ހަދައި، ޣައްޒާއަކީ އެ ޤައުމުގެ ރައްޔިތުންގެ ބިމެއް ކަމުގައި ބުނެފައެވެ.



