މާލޭ އުތުރު ފަރާތު ބަނދަރުން އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިދުމަތް ދޭނީ ރެޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރަށް އެކަނި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފިއެވެ.
މާލޭ އުތުރު ފަރާތުގައި ހަދާފައިވާ ބަނދަރު އެމްޕީއެލްއާ ހަވާލުކުރުމާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި އެމްޕީއެލްއާއި ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއެއްގެ ދަށުން، 2025 ޖޫން 4 ވަނަ ދުވަހުން ފެށިގެން މާލޭގެ އުތުރު ފަރާތު ބަނދަރު، އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައި ކަމަށެވެ.
އެހެންކަމުން، އެ ބަނދަރު ހިންގައި ބަލަހައްޓާނީ، އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރގެ ދަށުންކަމުގައި ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން އެމްޕީއެލް އިން އެ ބަނދަރު ހިންގުމާ ހަވާލުވުމާއެކު، އެ ބަަނދަރުން 2025 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭނީ މާލޭ ނޯތު ހާބަރގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރަށް ކަމަށާއި އެ ބަނދަރުން ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރުގެ ތެރެއިން، މިހާތަނަށް މާލޭ ނޯތު ހާބަރގައި ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދުތަކަށް މިހާރު ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައި ކަމުގައި އެމްޕީއެލްއިން ބުންޏެވެ.
މީގެއިތުރުން 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބަރގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ހިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލުގެ ދަށުން ކަމަށާއި މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލާއި ޓެރިފް މީގެ ކުރިން ގެޒެޓްކޮށްފައިވާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
މި ބަދަލާއި ގުޅިގެން ހިދުމަތް ހޯއްދަވާ ފަރާތްތަކުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މާލޭ ނޯތު ހާބަރގެ އޮޕަރޭޝަންސް ނަންބަރ 3006545 އަށް ގުޅުއްވުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.


