ޑިޖިޓަލް މީޓަރާއެކު ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ފަރާތުން މިހާރުވެސް ހިދުމަތް ދޭން ބޭނުން ކުރަނީ ޑިޖިޓަލް މީޓަރު ކަމަށާއި އަލަށް އިންސްޓޯލް ކުރާ ސްމާޓް ޑިޖިޓަލް މީޓަރުގެ ތަފާތަކީ ސްޓެލްކޯ އާއި ކޮމިއުނިކޭޝަނަލް ކޮމްޕޯނަންޓެއް އިތުރުވުން ކަމަށެވެ.
މިހާރު ހަރުކޮށްފައި ހުރި މީޓަރުތަކާއި އަލަށް އިންސްޓޯލު ކުރާ މީޓަރުތަކުގެ ސައިޒުވެސް އެއްވަރުވާނެކަން ފާހަގަ ކުރައްވަމުން ފަހުމީ ވިދާޅުވީ، މިހާރު ގެނެސްފައިވަނީ ޚާއްސަ ގޮތަކަށް އުފައްދާފައިވާ މީޓަރުތަކެއް ކަމަށެވެ.
”އަޅުގަނޑުމެންނަށް ވަގުތުން ވަގުތަށް ރީޑިންގް ލިބޭ ކަހަލަ ގޮތަކަށް މި މީޓަރުތައް ތައްޔާރު ކޮށްފައި މިވަނީ. އަދި ކަރަންޓު ކަނޑާލަން ބޭނުންވެއްޖެނަމަ ކަނޑާވެސް ލެވޭނެ. ޑިޖިޓަލް މީޓަރުގެ ފައިދާ އެންމެ ބޮޑަށް ލިބިގެންދާނީ ރައްޔިތުންނަށް، އެއީ އަޅުގަނޑުމެންގެ ސްމާޓް އެޕެއްވެސް މިއާއެކު އެބަ ރިލީޒްކުރަން“ ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީ އިތުރަށް ވިދާޅުވީ އެ އެޕްލިކޭޝަނުން ލައިވްކޮށް އެ ބޭފުޅެއްގެ މީޓަރު އެބޭފުޅެއްގެ ފޯނުން ފެންނާނެ ކަމަށެވެ. އެހެންކަމުން މީޓަރަށް އަރާ އަދަދު ކޮންމެ ރައްޔިތަކަށް ވެސް ފެންނާނެ ކަމަށާއި ކޮންމެ ދުވަހަކަށާއި ކޮންމެ ހަފްތާއަކަށް އަރަނީ ކިހާވަރެއްކަން ވެސް އެނގެން ހުންނާނެ ކަމަށެވެ.




