އިއްޔެ އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 55 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ފަަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ޣައްޒާގެ ދީރް ބަލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އިއްޔެ 17 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި އަށް ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މީހުން ޝަހީދުކޮށްލާފައި ވަނީ މެޑިކަލް ސެންޓަރެއް ކައިރީގައި ބޭސް ހޯދަން ކިޔޫގައި ތިއްބާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ނަމަވެސް އިސްރާއީލުން ބުނީ މި ހަމަލާ އަމާޒުކޮށްފައި ވަނީ ހަމާސްގެ މުޖާހިދަކަށް ކަމަށެވެ.
އިއްޔެ ފަތިހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ދިިޔަ ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އެކި ސަރަހައްދުތަކުން 55 މީހަކު ޝަހީދުވެފައިވާ ކަމަށްވެސް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.




