ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލްގެ ފަސިންޖަރު ޗެކިން ސިސްޓަމްތަކާއި ބޯޑިން ސިސްޓަމްތަކުގެ ޓެކްނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފިއެވެ.
އެމްއޭސީއެލުން ބުނީ މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެއް ކަމަށެވެ.
އަދި މި ޓްރަޔަލްތައް ކުރިއަށް ގެންދަނީ އެމްއޭސީއެލްގެ ކަމާބެހޭ ހުރިހާ ޑިޕާޓްމަންޓްތަކާއި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
”މިދިޔަ ބްރާސްފަތި ދުވަހު ވަނީ މޯލްޑިވިއަންގެ ޑިޕާޗާ ކޮންޓްރޯލް ސިސްޓަމާއި ބެގޭޖް ރިކޮންސިލިއޭޝަން ސިސްޓަމްގެ އިތުރުން ބޯޑިން ޕްރޮސެސްގެ ޓްރަޔަލްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައި،އެ ޓްރަޔަލްގައި ޗެކިން ކައުންޓަރުތަކުގައި ފަސިންޖަރުންގެ ކިއު ސިސްޓަމް މެނޭޖުކުރާނެ ގޮތުގެ ޓްރަޔަލްއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައި“ އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
އެމްއޭސީއެލް އިން ބުނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނައިރު އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ.
އެއަށްފަހު އޮރާޓް ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލު ކުރާނެ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.



