މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެއާއިންޑިއާގެ މަތިންދާ ބޯޓު ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން، އެ ބޯޓުގެ ދެ އިންޖީނުން ވެސް ތެޔޮ ބަންދުކުރަން ސްވިވް އޮފް ކޮށްލިކަން ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުން ހާމަވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާގައި، އެ ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ.
އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން މިއަދު ހާމަކުރި މައުލޫމާތުގައި ބުނެފައި ވަނީ، އަހްމަދުއާބާދުގެ އެއާޕޯޓުން ލަންޑަނަށް ދާން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފިއުލް ސްވިޗް ”ރަން“ އިން ”ކަޓްއޯފް“ ޕޮޒިޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިއީ މަަތިންދާބޯޓު ވެއްޓުނު ސަބަބު ކަމަކަށް ރިޕޯޓްގައި ބުނެފައި ނުވި ނަމަވެސް ފިއުލް ސްވިޗް އޮފް ކޮށްލުމުން އެއް ޕައިލެޓަކު އަނެއް ޕައިލެޓު ގާތު، ތެޔޮ ކަނޑާލީ ކީއްވެތޯ ސުވާލުކުރި ކަމަށާއި އެކަމަކު އޭނާ އެހެން ނުހަދާ ކަމަށް ބުނެ އަނެއް ޕައިލެޓް ޖަވާބު ދިންކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެއާކްރްފާޓް ވެއްޓުމުގެ ކުރިން ރެކޯޑް ކުރެވިފައިވާ އޭގެ އެންމެ ޓޮޕް ސްޕީޑާ ހިސާބަށް ދިއުމާ އެކު އިންޖީން 1 އާއި އިންޖީން 2 ގެ ފިއުލް ކަޓްއޯފް ސްވިޗުތައް ”ރަން“ އިން ”ކަޓްއޯފް“ އަށް ބަދަލުވެފައިވާ ކަމަށެވެ. އަދި މި ދެ ސްވިޗް އޮފް ކޮށްލުމުގެ ދެމެދުގައި ހިނގާފައި ވަނީ އެންމެ ސިކުންތެއް ކަމަށް ވެސް ރިޕޯޓްގައިވެއެވެ.
އޭގެ ފަހުން ބޯޓު ތިރިވާން ފެށި ކަމަށާއި އެއާ އެކު ފިއުލް ސްވިޗް އަނެއްކާވެސް ”ރަން“ އަށް ބަދަލުވި ކަމަށާއި ދެން ބޯޓުގެ ސްޕީޑް މަތިވާން ފެށި ނަމަވެސް އެއް ޕައިލެޓަކު ”މޭޑޭ މޭޑޭ މޭޑޭ“ ގޮވައި، ކަމެއް ގޯސްވެގެން އުޅޭކަން އެއާޓްރެފިކް ކޮންޓްރޯލަށް އެންގި ކަމަށް ރިޕޯޓުގައިވެއެވެ.
އެއާ ޓްރެފިކުން، ވީ ކިހިނެއްތޯ އަހާފައިވާ ކަމަށާއި ނަމަވެސް ހަމަ އެވަގުތު ބޯޓު ވެއްޓުނީކަމަަށް ތަހުގީގުގެ އެ ރިޕޯޓުގައި ބުނެފައިވެއެވެ.



