ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުން ފާހަގަ ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުމާލޭގައި ރެލީއެއް މިއަދު ބާއްވައިފިއެވެ.
މި ރެލީ ފަށާފައިވަނީ އެމްއޭސީއެލްގެ ހެޑް އޮފީހުންނެވެ. އަދި މި ރެލީގެ ތެރެއިން 4 ތަނެއްގައި މަޑުކޮށް، އައު ޓާމިނަލާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އެގޮތުން އެމްއޭސީއެލުން މި ރެލީގައި މަޑުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފެރީ ޓަރިމިނަލާއި ދެވަނަ ފިޔަވަހީގެ ޕާކުތަކުގައެވެ.
ކޮންމެ ސަރަހައްދަކަށް މަޑުކުރުމަށްފަހު، އެއަރޕޯޓާ ގުޅޭ އެކި މަޢުލޫމާތުދީ، ސަގާފީ ހުށައެޅުންތައް ހުށައަޅައިދީ، ކުޑަކުދިންނަށް ހަދިޔާ ބަހާފައިވެއެވެ. އަދި ކުޑަކުދިން ޝައުޤުވެރިވާ އެކި މެސްކޮޓުތަކާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި އެމްއޭސީއެލްގެ މުވައްޒަފުން ވަނީ ކުޑަކުދިންނަށް ހަދިޔާއެއްވެސް ދީފައިއެވެ.
މި ރެލީއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އައިޝަތު ނާޒިމާ ވިދާޅުވީ ރެލީގެ މަގުސަދަކީ އައު ޓާމިނަލް ހުޅުވުމުގެ އުފާވެރި މުނާސަބާއާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ، ވީހާވެސް ގިނަ ބަޔަކު އެ އުފަލުގައި ބައިވެރިކުރުން ކަމަށެވެ. އަދި މި ރެލީ މާލޭގައިވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް ނާޒިމާ ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ މުނާސަބާގައި އެމްއޭސީއެލްއިން ދަނީ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަސްކަމުގައިވާ މިމަހުގެ 26 ވަނަ ދުވަހުއެވެ.




