އައްޑޫ ސިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރުމަށްޓަކައި، ކުނިމެނޭޖު ކުރުމާއި ގުޅޭ ޤަވާޢިދުތަކާ އެއްގޮތް، އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ޙައްލު ފޯރުކޮށްދިނުން ކަމަށެވެ.
މި އެއްބަސްވުމުގައި ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ.
އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މި މަރުކަޒު ހިންގުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ފޯރުކޮށްދީފައެވެ.
މި އެއްބަސްވުމުގެ ދަށުން، މި މަރުކަޒު ރައްކާތެރިކަމާއެކު ހިންގުމަށާއި ބެލެހެއްޓުމަށް އެހީތެރިވުމަށް އައްޑޫ އިންޓަރިމް ހަޒާޑަސް ވޭސްޓް އެންޑް ކެމިކަލްސް ސްޓޯރޭޖް ފެސިލިޓީ ހިންގުމުގައި ހަރަކާތްތެރިވާނެ ވެމްކޯގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާނެއެވެ.
ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ފެސިލިޓީގެ ސަބަބުން ޙާޞިލުވާނެ ނަތީޖާތަކުގެ ތެރޭގައި، ނުރައްކާތެރި ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާއި، ޤައުމީ ކުނި މެނޭޖްކުރުމުގެ ސްޓްރެޓެޖީއާ އެއްގޮތަށް ޢަމަލުކުރުން ހިމެނެއެވެ.
އަދި ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބޭސަލް ސްޓޮކްހޯމް މުޢާހަދާތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ޤާއިމުކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
މި މަރުކަޒަކީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން، ޖެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ”އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް“ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިފައިވާ ވަސީލަތެކެވެ.
މި މަރުކަޒު ޤާއިމުކުރެވިފައިވަނީ އައްޑޫ ސިޓީ ހިމެނޭ ދެކުނު ޒޯނުގެ ރަށްތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާތެރިކަމާއެކު ގުދަންކުރުމަށް ޚާއްޞަކޮށެވެ.
މީގެ ތެރޭގައި ޞިނާޢީ ހަރަކާތްތަކުން އުފެދޭ ކުނި، ސްކޫލްތަކުގެ ލެބޯރެޓަރީތަކުން އުކާލެވޭ ކެމިކަލްތައް، އިންޖީނުތަކުން އުފެދޭ ތެޔޮ އަދި އުކާލާ ބެޓެރީތައް ފަދަ ތިމާވެށްޓަށް ގެއްލުންދެނިވި ނުރައްކާތެރި ބާވަތްތަކުގެ ކުނި ހިމެނެއެވެ.
މި މަރުކަޒު ހިންގުމަށާއި މިފަދަ ކުނި ރައްކާތެރިކަމާއެކު ގެންގުޅުމަށްޓަކައި، މަރުކަޒު ހިންގުމުގެ އުޞޫލުތައް ހިމެނޭ ސްޓޭންޑަރޑޑް އޮޕަރޭޝަންސް ޕްރޮސީޖަރ (އެސްއޯޕީ) އެއް ވެސް އެކުލަވާލެވިފައިވެއެވެ.
މި އުޞޫލުތަކުގައި އެކި ބާވަތުގެ ކުނި ގެންގުޅުމުގެ ގޮތްތަކާއި، ޕެކޭޖްކުރާނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު އުފުލުމުގެ މިންގަނޑުތައް ހިމެނެއެވެ.



