ފާއިތުވީ 24 ގަޑިއިރު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 61 މީހަކު ޝަހީދު ވެއްޖެއެވެ.
އިއްޔެ ޝަހީދުވީ މީހުންގެ ތެރޭގައި، ބަނޑުހައި ހޫނުކަން ފިލުވަން އެހީގެ ސާމާނު ހޯދަން ނިކުމެ އުޅުނު ދެ މީހުން ވެސް ހިމެނޭ ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
އ.ދ އިން ފަލަސްތީނަށް ކަނޑައަޅާފައިވާ އޭޖެންސީއެއް ކަމަށްވާ އަންރްވާ އިން ވެސް ބުނެފައިވަނީ، އިޒްރޭލުން ދަނީ ޣައްޒާގެ ރައްޔިތުން ދެ ގޮތަކަށް ޝަހީދު ކުރަމުން ކަމަށެވެ. އެއީ ހަމަލާދީ ގަތުލު ކޮށްލައިގެންނާއި ބަނޑުހައި ހޫނު ކަމުގައި ކަމަށް އެ އެޖެންސީން ބުންޏެވެ.
އަންރްވާ އިން ބުނީ، ބަނޑުހައިހޫނު ކަމުގައި ޣައްޒާއިން ޝަހީދުވަމުންދާ ކުޑަކުދިންގެ ރޭޓު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.
ޔަހޫދީ އިޒްރޭލުން މިފަހަކަށް އައިސް އެމީހުންގެ ހަމަލާތައް އަމާޒު ކޮށްފައިވަނީ، އެހީއާއި މަދަދު ހޯދަން ނިކުމެ އުޅޭ ފަލަސްތީނު ރައްޔިތުންނަށްކަން ވެސް އ.ދ އިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އެހީ ހޯދަން މަސައްކަތް ކުރި 875 މީހަކު މިހާތަނަށް ޣައްޒާއިން ޝަހީދު ކޮށްލާފައިވާކަމަށް އ.ދ ގއ ރިޕޯޓުތަކުން ބުނެފައިވެއެވެ.



