ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވާއިރު، އެއާޕޯޓު ރެޕުންނަށް ޚާއްސަ ސަރަޙައްދަކާއެކު ގިނަ ލުއިފަސޭހަތައް ލިބިގެންދާނެކަމަށް މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ވިއައިއޭގައި ރިސޯޓުތަކާއި ގެސްޓްހައުސްތައް އަދި އެހެނިހެން ޚިދުމަތްތަކުގައި ފަތުރުވެރިންނަށް އެހީތެރިވުމަށް ތިބޭ ރެޕުން މިވަގުތު ވީއައިއޭގައި ތިބެނީ އެއް ސަރަޙައްދެއްގައެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް ޓާމިނަލްގެ އެރައިވަލް އޭރިއާއަށްވުމާއެކު އެ ސަރަޙައްދަށް ވަރަށް ބޮޑަށް ބާރުވޮޑުވެގެން ވެސް ދެއެވެ.
މިކަމަށް ލުއިފަސޭހަކަން ހޯދައިދިނުމަށް އެމްއޭސީއެލްއިން ބުނީ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވިގެންދާއިރު، އެ ޓަރމިނަލްގެ އެރައިވަލް ސަރަޙައްދުގައި އެއާޕޯޓް ރެޕުންނަށް ޚާއްސަ ސަރަޙައްދެއް ޤާއިމުކޮށްފައި ހުންނާނެކަމަށެވެ. އަދި މިއީ އެއާޕޯޓްގެ އެންމެ ޕްރީމިއަމް ޒޯންއަށްވާއިރު، އެ ސަރަހައްދު އޮންނަނީ އެއަރކޯންކޮށް ފިނިކޮށްފައި ކަމަށް ވެސް އެމްސީއެލްއިން މައުލޫމާތު ދެއެވެ.
އެއަރޕޯޓް ރެޕުންނަށް ފާޚާނަ ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމްތައްވެސް ހަމަޖެހިފައި ހުންނާނެއެވެ. އެމްއޭސީއެލްއިން ބުނީ އައު ޓާމިނަލާއެކު ޑިޕާޗާ ހޯލަށް ފަސިންޖަރު ވަނުމާއެކު، ފަސިންޖަރުގެ އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދާނީ އެއާޕޯޓުގެ މުއްޒަފުންކަމަށެވެ. އަދި އެއާޕޯޓް ރެޕުންނަށް ފާޚާނާ ބޭނުން ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެއާޕޯޓު ކުންފުނިން ބުނެފައިވެއެވެ.



