ޕާކިސްތާނަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި ސައުވީސް ގަޑިއިރުތެރޭ 63 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ބުދަ ދުވަހުގެ ހެނދުނު ވިއްސާރަ ކުރަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި 63 މީހުން މަރުވެ 290 މީހުން ވަނީ ޒަހަމްވެފައެވެ.
ބައެއް މީހުން އިމާރާތްތަކުގެ ދަށުވެގެން މަރުވެފައިވާއިރު އަނެއް ބައި މީހުން މަރުވެފައި ވަނީ ގެނބިގެން ނުވަތަ ކަރަންޓު ޖެހިގެން ކަމަށް އެ ޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެ އެވެ.
ޕާކިސްތާނަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގެ ސަބަބުން ވެރިރަށް އިސްލާމްއާބާދާ ޖެހިގެން އޮންނަ ރާވަލްޕިންޑީ ސިޓީގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެ ސިޓީގައި ކޯރެއް ކައިރީގައި ދިރިއުޅޭ މީހުން އެ ސަރަހައްދުން އެހެން ހިސާބަކަށް ދިއުމަށް ވަނީ އަންގާފަ އެވެ.
ޕާކިސްތާނަށް ކުރަމުން އަންނަ މޫސުމީ ވިއްސާރަ ޖޫން މަހުގެ ފަހުކޮޅު ފެށުނު ފަހުން މުޅި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 180 އަށް އަރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނެވެ.
މޫސުމީ ވިއްސާރައާ ގުޅިގެން ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކެއްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެ ޤައުމުގެ ސަރުކާރުގެ މުއައްސަސާތަކުން ދަނީ ސޭފްޓީ ގައިޑްލައިންތަކަށް ތަބާވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.
އިއްޔެ 400 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ޗަކްވާލްގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ރެސްކިއު ދޯނިތަކުން ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާތަން ފެނެއެވެ.
އަދި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އަސްކަރީ ހެލިކޮޕްޓަރުތައް ވަށައިގެން ބުރުޖަހަމުންދާތަން ވެސް ފެނެ އެވެ.



