އިސްރާއީލުން އިއްޔެ ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 90 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ސަރަހައްދަކަށާއި ޣައްޒާގެ އެތެރޭގެ އެކި ސަރަހައްދުތަކަށެވެ.
އެ ހަމަލާތަކުގައި ފަލަސްތީނުގެ 90 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
މެޑިކަލް މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ސަރަހައްދުގައި 93 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 30 މީހުން ޝަހީދުވެފައި ވަނީ ހަމަނުޖެހުންތަކާއި އެހީ ޑިސްޓްރިބިއުޝަން ސެންޓަރުތަކަށް ދިން ހަމަލާތަކުގެ ސަބަބުންނެވެ.
މީގެ އިތުރުން އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުތަކުގެ ތެރޭގައި އިސްރާއީލުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޣައްޒާއަށް ދީފައެވެ.
އަދި ޣައްޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވެފައިވާއިރު، ޣައްޒާ ސިޓީގެ އުތުރުގައި މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއްގައި އިތުރު ތިން މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
އިސްރާއީލުގެ ހަމަލާތަކާއެކު ދުވަހެއް ދުވަހަކަށް ޣައްޒާއިން ޝަހީދުވަމުން އަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.



