އެމެރިކާގެ ބޮސްޓަންގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް، މަޝްހޫރު މިޔުޒިކް ބޭންޑް ކޯލްޑްޕްލޭގެ ޝޯއެއްގައި ވަގަށް ލޯބީގެ ގުޅުން ގުޅިގެން އުޅުނު ދެމީހުން މުޅި ދުނިޔެއަަށް ފަޅާއަރައިފިއެވެ.
ނުހަނު ފޯރިގަދަ އެ ޝޯގެ ވަކި ހިސާބަކުން ބެލުންތެރިން އެދުނީ އިތުރު ފުރިހަމަކަމެއް ޝޯއަށް ގެނެސްދޭން ބެލުންތެރިންގެ ތެރެއިން ބަޔަކަށް ކެމެރާ އަޅުވާލުމަށެވެ.
”ކިސް ކެމެރާ“ އިން އެތައް ބަޔަކު ދައްކަމުން ގޮސް އެންމެ ބޮޑަށް އެ ކެމެރާގެ ފޯކަސް ހުއްޓުނީ އެތަނުގައި ވަރަށް ލޯބިން އަތުގުޅާލައިގެން، ބައްދާލައިގެން ތިބި ޖޯޑަކަށެވެ.
ކެމެރާ އެމީހުންނަށް އަމާޒުވެ، މުޅި ދުނިޔެއަށް ދެން އެމީހުން ފެންނާނެކަން އެނގުމާއެކު އެ ދެމީހުން ވެސް މަސައްކަތް ކުރީ އަވަހަށް ކެމެރާއަށް ފިލާށެވެ.
އެމީހުންގެ އަމަލުތައް ހުރިގޮތުން ލަވަކިޔުންތެރިޔާ ކްރިސް މާޓިން ބުނީ، އެމީހުން ކެމެރާއަށް އެ ފިލަނީ ސިއްރު ގުޅުމެއް އޮންނާތީ ނުވަތަ މާ ލަދުވެތި ބަޔަކަށްވާތީ ކަމަށެވެ.
މި ހާދިސާ ހިނގި ފަހުން މުޅި ސޯޝަލް މީޑިއާގައި ދެކެވެމުން ދަނީ އެވާހަކައެވެ. އަހަރުގެ ބޮޑު ޖޯކަށް އެމީހުން ވަނީ ވެފައެވެ. ސަބަބަކީ، ލޯބިވެރިޔާއާއެކު ހުއްޓާ ފަޅާއެރީ ޓެކްނޮކޮޖީ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެސްޓްރޮނޮމާ ކުންފުނީގެ ސީއީއޯ އޭންޑީ ބައިރޮން އެވެ. އޭނާއާއެކު ހުރީ އެ ކުންފުނީގެ ރިސޯސަސްގެ އިސްވެރިއެއް ކަމަށްވާ ކްރިންޓިން ކެބޮޓް އެވެ. މި ދެމީހުންވެސް އުޅެނީ ވަކިވަކި ޒަވާޖީ ހަޔާތެއްގައެވެ. އަދި އެ ޝޯއަަށް ދެމީހުން ވެސް ދިޔައީ، އޮފީސް މީޓިންގަކަށް އޮފީހަށް ދަނީ ކަމަށް އެމީހުންގެ ބައިވެރިޔާގާތު ބުނެފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މިކަމާ ގުޅިގެން އެންޑީ ވަނީ މާފަށް އެދި ލިޔެފައިވާ ސިޓީއެއް އާންމުކޮށްފައެވެ. އަދި އެސްޓްރޮނޮމާ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯގެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އެންޑީ ހުރީ ލީވްގައި ކަމަށެވެ.




