ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ފަށައިފިއެވެ.
މި ހަރަކާތް އެޗްޑީސީން ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި) އާ ގުޅިގެންނެވެ.
ހުޅުމާލޭގެ އިރުމަތީ ފަރުން ވަކިބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހަވީރުއެވެ.

އެގޮތުން އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން ބުނިގޮތުގައި މިކަމުގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުމެވެ. އަދި މި ހަރަކާތަކީ، އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭގެ އިސްވެރިން އަދި އެމްއެމްއާރްއައިގެ އިސްވެރިން ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި، މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
”މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،“ ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކުގައި މުރަކަ އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން އެޗްޑީސީގެ އެމްޑީ މައުރޫފް ވިދާޅުވިއެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް އެ ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދިއުމާއެކު ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.



