އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ ހައްގުތައް ދިފާއުކުރުމުގައި އީރާނުން ފަހަތަށް ނުޖެހޭނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު ޢައްބާސް އަރަގްޗީ މިހެން ވިދާޅުވެފައި ވާއިރު އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އީރާނާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ފްރާންސްގެ ޑެޕިއުޓީ ފޮރިން މިނިސްޓަރުން މިއަދު ހެނދުނު އިސްތަންބޫލްގައި ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
އީރާނާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތާއެކު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 9:30 ގައި އިސްތަންބޫލްގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ޖެނެރަލްގައެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފޮރިން މިނިސްޓަރު ޢައްބާސް އަރަގްޗީ ވަނީ ހުކުރު ދުވަހުގެ މަޝްވަރާތަކުގައިވެސް ކުރީގެ މަޝްވަރާތަކަށް ބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.
”އެ މަޝްވަރާތަކުގެ ބަހުސަަކަށް ބަދަލެއް ނާންނާނެކަން ދުނިޔެއަށް އެނގެންޖެހޭ، އީރާނުގެ ރައްޔިތުންގެ ޙައްޤުތައް އީރާނުން ދިފާއު ކުރާނެ، ހާއްސަކޮށް ދާދި ފަހުން އިޒްރޭލުންކުރި ހަނގުރާމައަށް ފަހު. އީރާނުގެ ސްޓޭންޑަކީ ހަރުދަނާ ސްޓޭންޑެއްކަން ދުނިޔެއަށް އެނގެންޖެހޭ، އީރާނުން ޔޫރޭނިއަމް ފައްކާކުރުން ކުރިއަށްގެންދާނެ. އީރާނުގެ ރައްޔިތުންގެ މި ޙައްޤު ދޫކޮށެއް ނުލާނަން“ އަރަގްޗީ ވިދާޅުވެފައި ވެއެވެ.
އަރަގްޗީ ވިދާޅުވީ އީރާނުގެ ސްޓޭންޑް އަދިވެސް އޮތީ ވަރަށް ސާފުކޮށް ބަދަލެއް ނާންނަ ގޮތަށް ކަމަށެވެ. އަދި މި ފަހަރު އީރާނުން އެ ގައުމުގެ ސިޔާސަތުތައް ވަރަށް ސާފުކޮށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރަގްޗީ ވަނީ މީގެ ކުރިންވެސް އެކި ޕްލެޓްފޯމްތަކުގައި ސުލްހަވެރި ނިއުކްލިއާ ސިނާއަތެއްގެ ހައްގު ހިމެނޭ ގޮތަށް އީރާނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އެކި ޕްެރެޝަރުތައް ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.




