ސްޓެލްކޯގެ މުވައްޒަފުންނަށް ”ރިސާލަތު“ ޕްރޮގްރާމް ކުރިއަށްގެންގޮސްފިއެވެ.
މިކަންހާމަކޮށް ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ”ރިސާލަތު“ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގައި ސްޓެލްކޯގެ މުވައްޒަފުންނަށް ދަރުސް ނަންގަވައިދެއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ.
ސްޓެލްކޯ އިން ބުނީ އެ ސެޝަނުގައި، އިސްލާމީ ޝަރީޢަތާ ގުޅޭ ޢިލްމީ އަދި ފައިދާހުރި މަޢުލޫމާތުތަކެއް އައްޝައިޚް އާޒިމް ޚާލިދު ހިއްސާކުރައްވާފައިވާ ކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ރިސާލަތު ޕްރޮގުރާމްގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ، ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރޭވިގެން ހިންގޭ މުހިއްމު ޕްރޮގުރާމެކެވެ.



