އިސްރާއީލާއި ދެކޮޅަށް އިސްލާމީ އެއްބައިވަންތަކަން ކުރިއަށް ނެރެން އީރާނާއި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން
ގޮވާލައިފިއެވެ.
އެ މެމްބަރުން މިގޮތަށް ގޮވާލާފައި ވަނީ ޖެނީވާގައި މިހާރު ކުރިއަށްދާ ހަވަނަ ވޯލްޑް ޕާލަމެންޓް ސްޕީކާސް ކޮންފަރެންސްގައެވެ.
އެ މެމްބަރުން ވަނީ އިސްރާއީލު ސަރުކާރުން އެކުލަވާލާފައިވާ ބައިބައިކުރުމުގެ ސްޓްރެޓެޖީތަކަށް ހައްލެއް ހޯދުމަށް މުސްލިމް ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެ ކޮންފަރެންސްގައި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާކިރު ގަލިބާފް އަދި ޕާކިސްތާނުގެ މަޖިލީހުގެ ރައީސް އަޔާޒް ސާދިގު ވަނީ އިސްރާއީލު ސަރުކާރުގެ ރޭވުންތައް ނައްތާލުމަށް އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވަކާލާތު ކުރައްވާފައެވެ.
އެ ކޮންފަރެންސްގައި މުހައްމަދު ބާކިރު ގަލިބާފް ވަނީ ދާދި ފަހުން އިސްރާއީލު ސިފައިންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި ހަރުކަށި އަމަލުތަކާ ދެކޮޅަށް ޕާކިސްތާނުން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ތައުރީފު ކުރައްވައި، ތެހެރާނާއެކު އިސްލާމް އާބާދުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފާއެވެ.
އިސްރާއީލުން އީރާނާއި ދެކޮޅަށް ހިންގި ޖަރީމާތަކުގެ ތެރޭގައި އީރާނުގެ ބައެއް ކޮމާންޑަރުން އަވަހާރަކޮށްލާފައިވާކަން ގަލިބާފް ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި އެއީ އެމެރިކާގެ ފުރިހަމަ ތާއީދު ލިބިގެން އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށް ގަލިބާފް ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ތާއީދާއެކު އިސްރާއީލުން މުސްލިމް ޤައުމުތަކާ ދެކޮޅަށް ހަރުކަށި ޢަމަލުތައް ކުރިއަށް ގެންދާނެކަމުގެ އިންޒާރު ގަލިބާފް ދެއްވިއެވެ.
އެހެންކަމުން އެފަދަ ޖަރީމާތަކާ ދެކޮޅަށް އެއްބައިވަންތަކަމުގެ ފްރަންޓެއް އުފައްދަން ޖެހޭ ކަމަށް ގަލިބާފް ވިދާޅުވިއެވެ.
އީރާނާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ވަނީ ސަރަޙައްދު ހަލަބޮލިކޮށް، މުސްލިމް ޤައުމުތަކުގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ޔަހޫދީން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމުގައި އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަން މުހިންމު ދައުރެއް އަދާކުރާނެކަން ތަކުރާރު ކުރައްވާފައެވެ.


